ފާއިތުވި ހަފްތާގައި ސޯޝަލް މީޑިޔާއަށް ނުކަތާވަރަށް ފުރިގެން އައީ ލިލީގެ ފޮޓޯތަކުންނެވެ. މަޝްހޫރު މީހުންނާއި އާންމުންގެ މި ފޮޓޯތައް ފެންނަ ކޮންމެ މީހަކަށްވެސް ކުރެވުނީ އެންމެ ސުވާލެކެވެ. މިއީ ކޮން ލިލީ އެއް ހެއްޔެވެ؟
އަލަށް އުފައްދައިގެން އުޅޭ ޕްރަޑަކްޝަން ހައުސް، ކްރިއޭޓިވް ނެޓްވޯކުން އެންމެފަހުން މިވަނީ ލިލީގެ ސިއްރު ފަޅާއަރުވާލާފައެވެ. އެގޮތުން ހޮނިހިރު ދުވަހު 14:17 ގައި ކްރިއޭޓިވް ނެޓްވޯކުން ވަނީ އެ ސްޓޫޑިއޯގެ ފުރަތަމަ ފިލްމްކަމަށްވާ “ލިލީގެ” ޓްރެއިލާއެއް އާންމުންނާ ހަމައަށް ދޫކޮށްލާފައެވެ.
“ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު ލިލީ” މި ޑައިލޮގްކޮޅާއެކު ޓްރެއިލާ ނިންމާލާފައިވަނީ އެތައް ބައެއް ހާސްކޮށްލާފައެވެ. މިއާއެކު ޓްރެއިލާއިން އެކަނިވެސް ދައްކުވައިދެނީ މި ފިލްމް ތަފާތު ވާނެކަމެވެ.
މި ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނިގެންދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނެއެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާނެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއުއެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގެވެ.
މިއީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް ވަނީ އަލިއަޅުވާލާފަ އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ފިލްމުގެ ވާހަކައިގެ އެހެން ބައެއް ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނެއެވެ.



