ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، ޗެކް ބައުންސްވި މައްސަލައެއްގައި ތިހާރު ޖަލަށް ހާޒިރުވުމުގެ ކުރިން އޭނާގެ މާލީ ހާލަތާ ގުޅޭގޮތުން އަސަރުގަދަ ވާހަކަތަކެއް ދައްކައިފިއެވެ. ގާތްގަނޑަކަށް 2.5 ކްރޯޑް ރުޕީސްގެ ޗެކް ބައުންސްވި މައްސަލައިގައި ކޯޓުން ވަނީ އޭނާ ޖަލަށް ދިއުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ހަވާލުވުމުގެ ކުރިން ރާޖްޕާލް ޔާދަވް ވަނީ އޭނާގެ ހިތާމަ ފާޅުކޮށްފައެވެ.
“ސާރ، އަހަރެން ކީއްކުރާނީ؟ އަހަރެންގެ އަތުގައި ފައިސާއެއް ނެތް. އެހެން އެއްވެސް ގޮތެއް މިހާރު ފެންނާކަށް ނެތް. މިތަނުގައި އަހަރެމެން އެންމެންނަކީވެސް އެކަނިވެރިން. އެކުވެރިންނެއް ނެތް. މި ހާލަތާ އަހަރެން ކުރިމަތިލާން ޖެހިފައިވަނީ އަމިއްލައަށް،” ރާޖްޕާލް ޔާދަވް ބުނެފައިވެއެވެ.
މި ގާނޫނީ މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް ޔާދަވް އަމިއްލައަށް ޑައިރެކްޓްކުރި ފިލްމު “އަޓާ ޕަޓާ ލާޕަޓާ” އުފެއްދުމަށްޓަކައި މުރާލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑުން 5 ކްރޯޑް ރުޕީސްގެ ލޯނެއް ނެގުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބުވުމާ ގުޅިގެން ލޯނު އަނބުރާ ދެއްކުމުގައި އޭނާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އޭނާ ދޫކުރި ބައެއް ޗެކްތައް ވަނީ ބައުންސްވެފައެވެ.
2018 ވަނަ އަހަރުގެ އޭޕްރީލް މަހު މެޖިސްޓްރޭޓް ކޯޓުން ވަނީ ރާޖްޕާލް ޔާދަވް އާއި އޭނާގެ އަންހެނުން ކުށްވެރިވާކަމަށް ނިންމައި، ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފުކޮށް، ލުޔެއް ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މައްސަލަ ދިގުލައިގެން ގޮސް މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ ގާތްގަނޑަކަށް 9 ކްރޯޑް ރުޕީސްއަށް އަރާފައެވެ.
މި މުއްދަތުގެ ތެރޭގައި ރާޖްޕާލް ޔާދަވް ވަނީ ދަރަނީގެ ބައެއް ފައިސާ ދައްކާފައެވެ. ނަމަވެސް މުޅި މައްސަލަ ހައްލުނުވެ އޮތުމުން، އޭނާ މިހާރު ވަނީ ގާނޫނީ ގޮތުން ކުރިމަތިވި މި ބޮޑު ގޮންޖެހުމާ އެކު ޖަލު ހުކުމް ތަންފީޒުކުރަން ޖެހިފައެވެ.



