އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން، ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
މަރުވި މީހާއަކީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަޙްމާން އާދަމް (65 އަހަރު) އެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަބްދުއްރަޙްމާން ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ރޭ ދަންވަރު 2:00 ހާއިރު އެވެ. އެހެންނަމަވެސް، ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށާއި، މާލެއިން ތަޙުޤީޤު ޓީމެއް އެ ރަށަށް ފޮނުވުމަށްޓަކައި ދަތުރުކުރަމުންދާ ކަމަށެވެ.



