އިއްޔެ އެހީ ހޯދުމަށް ކިއުގައި ތިބި 93 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީންބުނެފިއެވެ. އެގޮތުންމި ހާދިސާ ހިނގި ވަގުތު އިޒްރޭލުން ވަނީ ގިނަ އަދަދެއްގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބި ސަރަހައްދުތަކުން އެމީހުން ނެރުމަށް އަމުރު ކޮށްފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިޒްރޭލާއި ޣައްޒާގެ އުތުރުގައި އޮންނަ ޒިކިމް ކްރޮސިންގ މެދުވެރިކޮށް ވަންނަ ދ.އ.ގެ އެހީގެ ޓްރަކްތަކަށް އިންތިޒާރު ކުރަމުންދިޔަ މީހުންނަށް އިޒްރޭލު ސިފައިން ހަމަލާދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޝަހީދުފައިވެއެވެ. މިއީ އެހީ ހޯދަން އުޅުނު މީހުންނަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުވި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.
ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަހުމޫދު ބަސަލް ބުނެފައިވާ ގޮތުގައި، ދެކުނުގައިވާ ރަފާހުގެ އެހީގެ ޕޮއިންޓެއް ކައިރީގައި އިތުރު 9 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މިއީ 24 ގަޑިއިރު ކުރިން އެތައް ބަޔަކު މަރުވި ސަރަހައްދެވެ. އަދި ހާން ޔޫނިސްގައި ހުރި އެހެން އެހީގެ މަރުކަޒެއް ކައިރީގައި 4 މީހުން މަރުވެފައިވެއެވެ.
އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އުތުރު ޣައްޒާގައި އެއްވެފައި ތިބި ހާހުން ގިނަ ފަލަސްތީނުންގެ ތެރެއިން ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމަށް ފެނުމުން އެމީހުންނާ ދިމާލަށް ވަޒަން ޖަހާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބައެއް މީހުންނަށް ގެއްލުން ލިބުނު ކަން އެނގޭ ކަމަށެވެ. ނަމަވެސް ޣައްޒާގެ އޮފިޝަލުން ރިޕޯޓުކޮށްފައިވާ އަދަދަކީ އެމީހުންގެ ފަރާތުން ކުރި އިބްތިދާއީ ތަހުގީގުން ފެނުނު އަދަދަށްވުރެ މާ ގިނަ އަދަދެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. ދެކުނުގައި ހިނގި ހާދިސާތަކާ ގުޅޭގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ނުބުނެއެވެ.



