މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް)ގެ ހިދުމަތް އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބ. އަތޮޅުގައި ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ހިދުމަތް ބ. އަތޮޅުގައި ފެށުމުގެ ގޮތުން ޖުލައި 28 އިން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އޭގެ ފަހުން ދަތުރުތައް ކުރެވޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގުމަށްފަހުގައެވެ.
މި ވަގުތު ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އަދި ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދެމުން ގެންދާއިރު، ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހަތަރު އަތޮޅު ގުޅުވާލައިގެން ފެރީގެ ހިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ.
ބ. އަތޮޅާއެކު އާރްޓީއެލްގެ ހިދުމަތް ލިބޭ އަތޮޅުތަކުގެ އަދަދު 10 އަށް އިތުރުވެގެންދާއިރު، 800 މިލިއަން ރުފިޔާގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. 2022 ވަނަ އަހަރު ފެށުނު މި މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން، ޖުމުލަ ހަ ޒޯނެއްގެ މައްޗަށެވެ.



