ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ޢަދަދު 77،000 އަށް އަރައި، އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައިވާ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވީ، ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމުގެ ދަށުން އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ޕީއެންސީ ކަމަށެވެ.
“މިއަދު މި ޕާޓީގައި 77،000 މެންބަރުން އެބަތިބި. މިކަމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވަން،” ފަލާޙް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރެކޯޑުތަކަށް ބަލާއިރު، މިހާރު އެންމެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ޕާޓީއަކީ ޕީއެންސީއެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި 55،399 މެންބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަންގައި މިހާރު ޖުމްލަ ހަތް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ.
ރޭގެ ޖަލްސާގައި ފަލާޙް ވަނީ ޑޮލަރުގެ އަގު 23ގައި ހުއްޓާ، މިހާރު އަގު ތިރިވާން ފަށާފައިވާއިރު، ދުވަސްކޮޅަކުން، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި މިންވަރަށް ތިރިވާނެ ކަމަށް ވިދާޅުވެފައެވެ..
އަދި މިފަދަ ހަރުދާނާ ސިޔާސަތުތައް ތަންފީޒުކުރައްވާތީ ޕީއެންސީގެ މުޅި ލީޑަޝިޕު އޮންނާނީ ސާބިތުކަމާއެކު ރައީސް މުއިއްޒާ އެކީ ކަމަށް ވިދާޅުވިއެވެ.



