އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވާރކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފުޅާކުރުމަށް 12 އައު ފެރީއާއި އެއް ޒޯން ފެރީ ޓަރމިނަލް އެޅުމަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޒޯން ފެރީ ޓަރމިނަލަކީ ރ. އުނގޫފާރުގައި އަޅާ ފެރީ ހަބެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު މިކަން އިއުލާނުކުރައްވަމުން ވިދާޅުވީ، އުނގޫފާރު ފެރީ ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ. އަދި މި ޓަރމިނަލްގައި ފަސިންޖަރުންނަށް މަޑުކޮށްލެވޭނެ ސަރަހައްދަކާއި، ފިހާރައަކާއި ފާޚާނާކުރުމުގެ އިންތިޒާމްތައް ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އާރްޓީއެލްގެ ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ 11 އަތޮޅެއްގައި ފެށިފައެވެ. އެންމެ ފަހުން މި ޚިދުމަތް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާގައި ބ. އަތޮޅުގައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމެވެ. މީގެ އިތުރުން މިވަގުތު ބެކަޕް ފެރީތަކެއްގެ ގޮތުގައި ބޭނުންކުރުމަށް ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.



