ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެގައުމުގެ ވެރިރަށް ޑާކާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ މިނިސްޓްރީ އޮފް ލޯ، ޖަސްޓިސް އެންޑް ޕާލަމެންޓްރީ އެފެއާޒް އަދި މިނިސްޓްރީ އޮފް އެކްސްޕެޓްރިއޭޓް ވެލްފެއަރ އެންޑް އޯވަސީސް އެމްޕްލޯއިމަންޓްގެ އެޑްވައިޒަރ ޑޮކްޓަރ އާސިފް ނަޒްރުލް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޝިއުނީން ރަޝީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ މުހިންމު ދުވަހެކެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވައި، ރާއްޖޭގެ މިނިވަން ދުވަހަކީ ސުލްހައާއި ޑިޕްލޮމަސީގެ ފުރިހަމަ ރަމްޒެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑޮކްޓަރ އާސިފް ނަޒްރުލް އެމަނިކުފާނުގެ ވާހަކަފުޅުގައި، މި މުހިންމު މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދެގައުމުގެ ސަގާފީ އެއްބައިވަންތަކަން އަދި ރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ ހަނދާނީ ލަވައެއް ވަނީ ލޯންޗްކުރެވިފައެވެ. ރާއްޖޭގެ ލަވަކިޔުންތެރި މުހައްމަދު މައިސާން މުމްތާޒް (ބޮކިޓޯސް) އަދި ބަންގްލަދޭޝްގެ ލަވަކިޔުންތެރި މެހްރީން މަހްމޫދު ގުޅިގެން ކިޔާފައިވާ މި ލަވައަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައިކޮމިޝަނުން ތައްޔާރުކޮށްފައިވާ ޚާއްޞަ އުފެއްދުމެކެވެ.



