ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް އަލުން މީހަކު ހޮވުމަށް ރައީސް އޮފީހުން ފުރުޞަތު ހުޅުވާލައިފި އެވެ. މި ފުރުޞަތު ހުޅުވާލާފައި މިވަނީ މިހާރު އުއްތަމަފަނޑިޔާރުކަމަށް ހުށަހަޅާފައިވާ، ޓްރިބިއުނަލްގެ ކުރީގެ ރައީސް އަބްދުލްޣަނީ މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ޓްރިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި 14 ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. މީގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރި އަދި އިޤްތިޞާދީ ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއި، ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލުކަން ހުރުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ކުށުގެ ރެކޯޑެއް ނެތުމާއި، އިންތިޚާބީ މަޤާމެއްގައި ނުވަތަ ސިޔާސީ މަޤާމެއްގައި ނުހުރުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.



