ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް 7.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީއެވެ.
މި މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ވުޟޫކުރާ ސަރަހައްދަކާއި، މުއްނާރު، ލޭންޑްސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ހިމެނޭ ގޮތަށެވެ. އަދި މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ނިޒާމެއްވެސް ޤާއިމްކުރެވޭނެއެވެ.
މުރައިދޫގެ އާ މިސްކިތުގެ މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. އަދި މިއީ އިސްލާމިކް މިނިސްޓްރީން ދެ ރަށެއްގައި މިސްކިތް އިމާރާތްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.



