ރާއްޖޭގައި މުދައްރިސުން ނުލިބުމުގެ ސަބަބުން ވަރަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރު ނިމުނުއިރު، ހާއްސަކޮށް އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ 600 އަށްވުރެ ގިނަ މުދައްރިސުން ނެތުމުގެ ސަބަބުން އެ ދަރިވަރުން ވަނީ ބިކަހާލުގައި ޖެހިފައެވެ.
މުދައްރިސުންގެ މި ދަތިކަން މެދުވެރިވެފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި މުދައްރިސުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް ދީފައި ނުވުމުގެ އިތުރުން، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގައި ދިރިއުޅުމުގެ އަގުބޮޑުވުމާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ރަށްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް މުދައްރިސްކަމުގެ ދާއިރާއަށް ވަނުމަށް ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދީފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސްކޫލްތަކުން ނުކުންނަ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް މަދުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ހާސިލުކޮށްގެން ތިބޭ ފަރާތްތަކަށް މުދައްރިސްކަމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރު ހުށަހަޅުއްވައިފިއެވެ. އަދި އެފަދަ މުދައްރިސުންނަށް ފަހުން ޑިގްރީ ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަޒީރު ގޮވާލައްވާފައިވެއެވެ.
މުދައްރިސުންގެ ފެންވަރު މަތިކުރުމަކީ މުހިންމު ކަމެއް ނަމަވެސް، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ މުދައްރިސުންގެ ދަތިކަމަށް ރިއާޔަތްކޮށް، ހަމައެކަނި ޑިގްރީ ފެންވަރުގެ މުދައްރިސުން ބޭނުންކުރުމުގެ ބަދަލުގައި، ޑިޕްލޮމާ ފެންވަރުގެ މުދައްރިސުންވެސް ބޭނުންކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މިއީ މުދައްރިސުންގެ ދަތިކަން ކުރިމަތިވެފައިވާ އެހެން ގައުމުތަކުންވެސް އަމަލުކުރަމުންދާ ގޮތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



