މިދިޔަ ޖުލައި މަހުގެ ނިޔަލަށް، މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 25 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން މިކަން ފާހަގަކުރަމުން ބުނެފައިވަނީ، މިއީ މަސްވެރިންނަށް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބީއެމްއެލްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ މިދިޔަ އެޕްރީލް 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފެށިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދެއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



