އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ބަހައްޓާފައިވާ 10،000 ޓަނުގެ ފެން ތާނގީ ބޭނުންކުރަން ފަށައިފިއެވެ. މި ތާނގީ ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި ތާނގީއަކީ 24 މީޓަރުގެ އުސްމިނުގައި ހުރި، މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ތާނގީއެވެ. މި ތާނގީ ބެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކޮށްފައިވަނީ ފެން ކުންފުނީގެ މުވައްޒަފުންނެވެ.
ފެން ކުންފުނިން ހާމަކުރި ގޮތުގައި އަލަށް ބެހެއްޓި މި ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެ، ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު ވަނީ 79 ޕަސެންޓް އިތުރުވެފައެވެ. އަދި މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް އިތުރުވެގެން ގޮސްފައިވެއެވެ.
ފެން ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި ސިނަމާލެ ބްރިޖް މަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ މި އަހަރުގެ ފެބްރުއަރީ މަހު ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު، މި އައު ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.



