ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް (އެފްއާރުސީ) ޤާއިމްކުރުމަށް \މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ހ. މީރުމާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި މިހާތަނަށް 87 އެފްއާރުސީއެއް ޤާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
މިހާތަނަށް ތިން އެފްއާރުސީއެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، 43 އެފްއާރުސީއެއް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދެއެވެ. މީގެއިތުރުން އިތުރު 21 އެފްއާރުސީއެއް ޤާއިމްކުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެ ކަމަށް ބެލެވެއެވެ.



