އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އަންގެ ދައްތަ، ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިޔަންގްގެ ސުލްހަވެރިކަމުގެ ހުށަހެޅުންތައް އަނެއްކާވެސް ދޫކޮށްލައި، ޕިޔޮންގްޔޭންގްއިން ދުވަހަކުވެސް ސޯލް ޑިޕްލޮމެޓިކް ބައިވެރިއެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެއާ އާއި އެގައުމުގެ އެލައި، އެމެރިކާ ގުޅިގެން ކުރިއަށްގެންދާ ސިފައިންގެ ތަމްރީނުތަކުގައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޤާބިލިއްޔަތު އިތުރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އަޕްގްރޭޑް ކުރެވިފައިވާ ރެސްޕޮންސް ޓެސްޓްކުރުން ހިމެނެއެވެ.
ކިމް ޔޮ ޖޮންގްއަކީ އޭނާގެ އަޚް، ކިމް ޖޮންގް އަންގެ ޚާރިޖީ ސިޔާސަތުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާ މި ތަމްރީނުތަކަކީ “ބޭއަދަބީ” އިންވޭޝަން ރިހާސަލްތަކެއް ކަމަށް ސިފަކުރައްވައި، ރައީސް ލީ އަކީ “ދެމޫނު” އެއް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ. އެއީ ސުލްހައަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ވާހަކަ ދައްކަވަމުން، ހަނގުރާމައިގެ ކުޅިވަރުތައް ކުރިއަށް ގެންދަވާތީއެވެ.
ސްޓޭޓް މީޑިއާ ކޭސީއެންއޭ އިން ރިޕޯޓްކުރި ގޮތުގައި، އޭނާ މި ވާހަކަތައް ދެއްކެވީ އަވަހަށް ބަދަލުވަމުންދާ ޖިއޯޕޮލިޓިކަލް މަޝްރަހާއި، ވާދަވެރިންގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅޭގޮތުން އޭނާގެ އަޚްގެ ޑިޕްލޮމެޓިކް ސްޓްރެޓެޖީތަކާ ބެހޭގޮތުން ޚާރިޖީ މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
“ސީރިއަސްކަމާއި، ބުރަދަނާއި، ތެދުވެރިކަން ނެތް ދެކުނު ކޮރެއާއަށް، އުތުރު ކޮރެއާ މަރުކަޒުވެފައިވާ ސަރަހައްދީ ޑިޕްލޮމަސީގައި ދަށު ދަރަޖައިގެ މަސައްކަތެއްވެސް ނުކުރެވޭނެ،” ކިމް ވިދާޅުވިއެވެ. އަދި “ދެކުނު ކޮރެއާއަކަށް އުތުރު ކޮރެއާގެ ޑިޕްލޮމެޓިކް ބައިވެރިއެއް ނުވެވޭނެ” ކަމަށްވެސް އިތުރުކުރެއްވިއެވެ.



