އއ. ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި، މާފަރު ފަޅު ފެރިދޫއަށް ކަނޑައަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގަިއ ފެރިދޫ ފެރިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ ފެރިދޫގައި ބޯޓު އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށާއި، ޕިކްނިކް ސަރަހައްދު ތަރައްގީ ކުރެވޭނީ މާފަރު ފަޅުގައި ކަން ހާމަކުރައްވާފައެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ ފެރިދޫގެ މުސްތަގުބަލު އޮތީ މާފަރު ފަޅު ބޭނުންކޮށްގެން އިގްތިސާދީ ފައިދާ ހޯދުމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އިތުރު ދެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ. އެއީ ފެރިދޫ ސިއްހީ މަރުކަޒުގެ އިމާރާތަށް އިތުރުކުރާ ބައި އެޅުމާއި، އަތޮޅު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމެވެ.
އަތޮޅު ސްކޫލުގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ސްކޫލުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް އަންނަ ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް އިއުލާންކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތާއި ބަނދަރުގެ ޗެނަލްގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފެށޭނެ ކަމަށް ރައީސް އިއުލާންކުރެއްވިއެވެ. އަދި ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރު، އަދި އައުޓްޑޯ ޖިމްގެ މަސައްކަތްތައްވެސް މިއަހަރު ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަކީ މި ދަތުރުފުޅުތަކުގެ މަގްސަދު ކަމަށާއި، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ވަޢުދުތައް ފުއްދުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް އަޒުމް ކަނޑައެޅުއްވިއެވެ.



