ފަޤީރުންނަށް ދޭ އެހީގެ މިންވަރު އިތުރުކޮށް، އަސާސީ ބޭނުންތައް ފުއްދައިދެވޭނެ ގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަހާސިންތާގެ ޝިޢާރަކީ “އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުން” އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މަޢުލޫމާތުތަކާއި ތަޖުރިބާތަކުގެ އަލީގައި އެކުލަވާލެވިފައިވާ ބިލެކެވެ. އަދި މި ބިލުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ ޒަކާތު ޤާނޫނުތަކުގައި ނެތް އައު ކަންތައްތަކެއް ހިމެނިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ފަޤީރުންނާއި މިސްކީނުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، ތަޢުލީމަށް ޚަރަދުކުރެވޭނެ ގޮތްތައް ހިމެނޭ. މި ކަންކަން މިގޮތަށް ތަރައްޤީކުރެވިއްޖެނަމަ، ހެޔޮލަފާ މުޖުތަމަޢެއް އުފެދިގެންދާނެ,” މިނިސްޓަރު ވިދާޅުވިއެވެ.
އައު ޒަކާތު ޤާނޫނުގައި އިދާރީ މެނޭޖްމަންޓާއި ޝަރުޢީ ހަމަތައް ގުޅިލާމެހިފައިވާ ކަމަށާއި، އިންވެސްޓްމަންޓަށް ފުރުޞަތު ދީފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ޤާނޫނަކީ ޒަކާތުގެ ނިޒާމު އައު އުސްމިނަކަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ޤާނޫނެއް ކަމަށާއި، ޒަކާތުގެ ދާއިރާގައި ރާއްޖެއަކީ އިސްނަގާ ޤައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



