އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށްފައިވާ މައްސަލައާއި، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވިދާޅުވީ، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމަށް އަޅައިފައިވާ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވައި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.
1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ. އަދި މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށްޓަކައި އޯ.އައި.ސީ.ގެ ހުރިހާ މެންބަރު ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.



