އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް އިތުރަށް ހަރުކަށިކޮށް، މަދު މަރުކަޒުތަކެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ހޮސްޕިޓަލްތަކާ ކައިރި ސަރަހައްދުތަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.
މެޑިކަލް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެކަނި އިސްރާއީލުގެ ހަމަލާތަކުން 83 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އަލް-ޝިފާ ހޮސްޕިޓަލް ކައިރިން 15 މީހުންނާއި، އަލް-އަހްލީ ހޮސްޕިޓަލް ކައިރިން 4 މީހުން ހިމެނެއެވެ.
މި ހަމަލާތަކާ ގުޅިގެން ހަމާސްއިން ވަނީ މިއީ ފުރިހަމަ ހަނގުރާމައިގެ ކުށެއް ކަމަށް ބުނެ، އިސްރާއީލް ކުށްވެރިކޮށްފައެވެ. އަދި މި ހަމަލާތައް ދީފައިވަނީ “އދ. އިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު މުލުގެ ކުށް ފާހަގަކޮށްފައިވާ ރިޕޯޓެއް” ނެރުނުތާ 24 ގަޑިއިރު ނުވަނީސްކަން ފާހަގަކޮށްފައިވެއެވެ.
އަދި ކުޑަކުދިންގެ ހޮސްޕިޓަލް އަލް-ރަންތީސީއަށް ދިން ހަމަލާއާ ގުޅިގެން ބްރިޓެންގެ މެދުއިރުމަތީގެ ވަޒީރު ހަމިޝް ފޯކްނަރ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. “އިންކިއުބޭޓަރުގައި ތިބި ކުދިންނާއި ޑައިލިސިސްގައި ތިބި ކުދިންނަށް ހަމަލާ ދީގެން ނުވާނެ” ކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ފާހަގަކޮށްފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ކުޑަކުދިންގެ ހޮސްޕިޓަލަށް ތިން ފަހަރު ހަމަލާދީފައިވާއިރު، 40 ބަލިމީހުން ވަނީ އެތަނުން ފިލަން މަޖުބޫރުވެފައެވެ. އަދި އިތުރު 40 ބަލިމީހުންނާއި މުވައްޒަފުން ވަނީ ހޮސްޕިޓަލްގައި ބަންދުވެފައެވެ.