ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ‘ޚިޔާލުން ހުޅުމާލެ’ ގެ ނަމުގައި ފޯރަމެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މި ފޯރަމަކީ ހުޅުމާލޭގެ ތަރައްޤީގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މާސްޓަރ ޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. މީގެ އިތުރުން ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ރައްޔިތުން ހޭލުންތެރިކޮށް، ތަރައްޤީއާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ މައިގަނޑު އަމާޒެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ތިން ދާއިރާއަކަށެވެ. އެއީ ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތުގެ ސޯޝަލް ޕްލޭނާއި، ދަތުރުފަތުރުގެ ނިޒާމު ރޭވުމުގެ ޓްރާންސްޕޯޓް ޕްލޭން އަދި ހުޅުމާލެ ފެހިކުރުމުގެ ލޭންޑްސްކޭޕް ޕްލޭނެވެ.
މި ފޯރަމް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން 15 އަށެވެ. ފޯރަމްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި، ކުންފުނީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްޤީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުމެވެ. މި ފޯރަމްގެ ސަބަބުން ހުޅުމާލޭގެ ކުރިމަގު ބައްޓަންކުރުމުގައި ރައްޔިތުންގެ އަޑު އިވި، އެ ބޭފުޅުންގެ ބޭނުންތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޑީސީން އުންމީދުކުރެއެވެ.