ޕާކިސްތާނުގެ އުތުރުން، އަފްޣާނިސްތާނުގެ ބޯޑަރާ ކައިރިން ހިނގި ހަނގުރާމައެއްގައި 11 ސިފައިން މަރުވެއްޖެއެވެ. މި ހަނގުރާމަ ހިނގާފައިވަނީ އޯރަކްޒައި ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންޓެލިޖެންސް އޮޕަރޭޝަނެއްގެ ތެރޭގައެވެ.
ޕާކިސްތާނު ސިފައިންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި، މި ހަމަލާގައި މަރުވި ފަރާތްތަކުގެ ތެރޭގައި ލެފްޓިނަންޓް ކާނަލް ޖުނައިދު އާރިފް އަދި އޭނާގެ ނައިބު މޭޖަރ ތައްޔަބް ރަހަތް ހިމެނެއެވެ. މީގެ އިތުރުން 9 ސިފައިން ވެސް ވަނީ މަރުވެފައެވެ. މި ހަމަލާގައި 19 ހަނގުރާމަވެރިން ވެސް މަރުވެފައިވާ ކަމަށް ސިފައިން ބުނެއެވެ.
ރޯއިޓަރސް ނިއުސް އޭޖެންސީން ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ހަނގުރާމަވެރިން ވަނީ މަގުމަތީގައި ބޮމެއް ގޮއްވާލުމަށްފަހު މިލިޓަރީ ކޮންވޯއިއަށް ހަމަލާދީފައެވެ. މި ހަމަލާއަށް ޒިންމާ ނަގާފައިވަނީ ޕާކިސްތާން ތާލިބާނުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހަމަލާގައި މަރުވި ސިފައިންގެ ޚިދުމަތަށް ތައުރީފުކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ފާއިތުވި މަސްތަކުގައި ޕާކިސްތާން ތާލިބާނުން ވަނީ ސަރުކާރު ވައްޓާލުމަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.
ޕާކިސްތާނުން ބުނާ ގޮތުގައި، ތާލިބާނުން އަފްޣާނިސްތާން ބޭނުންކުރަނީ ޕާކިސްތާނަށް ހަމަލާދިނުމަށް ރޭވުމަށާއި ތަމްރީނު ކުރުމަށެވެ. އަދި އިންޑިއާއިން މި ގްރޫޕްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް މި ދެ ގައުމުން ވެސް މި ތުހުމަތުތައް ދަނީ ދޮގުކުރަމުންނެވެ.