ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދޭތޯ ބަލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއުލާން ކޮށްފައި ވަނިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ ސޯޝަލް ހައުސިން މަޝްރޫއުން ދޫކުރި ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކުންފުނިން ބަލަމުންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2022 ވަނަ އަހަރު ހައުސިން މިނިސްޓްރީން ގެޒެޓުކުރި ގަވާއިދުގައިވާ ގޮތުން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ ކަމަށާއި، ނަމަވެސް އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ ކަމަށް ބަޔާންކޮށްފައިވާކަމެވެ.