ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ހޯދުންތައް މި މަހު ވަޒީރުންގެ މަޖިލީހަށް (ކެބިނެޓަށް) ހުށަހެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުން ކުއްޔަށް ނަގައިގެން މަސައްކަތް ކުރިއަށްދާ ކަމަށާއި، “ވަރަށް ބޮޑަށް އުންމީދުކުރެވޭ މި މަސްތެރޭ އަޅުގަނޑުމެންނަށް ކެބިނެޓަށް އަޅުގަނޑުމެންގެ ފައިންޑިންގްސް ހުށަހެޅޭނެ ކަމަށް” ބަންޑާރަނައިބު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ މައްސަލައަށް ހުރަސްއެޅުނު ކަމެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކެބިނެޓުން މި މައްސަލައިގައި ގޮތެއް ނިންމުމުން ކުރިއަށް ދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މައްސަލަ އެއްކޮށް ބަލައި ނިމުމުން މެންބަރުންގެ ސުވާލުތަކަށް ތަފްސީލީ ޖަވާބު ދެވޭނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.