ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.
ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، މި ބަދަލު ގެނެސްފައިވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ނިންމުމަކާ ގުޅިގެންނެވެ. މި ބަދަލާ އެކު، ކުރިން އެތުލީޓުންނަށް ދެމުން އައި 5،000 ރުފިޔާ އާއި އޮފިޝަލުންނަށް ދެމުން އައި 2،500 ރުފިޔާގެ އިނާޔަތް، 7،000 ރުފިޔާއަށް އެއްހަމަކުރެވިފައިވެއެވެ.
މި އިނާޔަތް މެއި މަހުން ފެށިގެން ދޭން ނިންމާފައިވީ ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް ދެމުން ގޮސްފައިވަނީ ކުރީގެ އަދަދުންނެވެ. އެހެންކަމުން، އެ މުއްދަތަށް އެތުލީޓުންނަށް ކޮންމެ މަހަކަށް 2،000 ރުފިޔާ އަދި އޮފިޝަލުންނަށް 4،500 ރުފިޔާ އިތުރަށް ޖަމާކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު ވަނީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާއެކު ބޭއްވި ހަވީރު ސައިފޮދެއްގައި، އިނާޔަތް އަވަހަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނަށް ދެއްވާފައެވެ.