ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ކެޓި ނަމަވެސް، މުބާރާތުގެ ފެއާޕްލޭ ޓްރޮފީ ދިވެހި ޓީމުން ހޯދައިފިއެވެ. މި އެވޯޑު ދިވެހި ޓީމާ ހަވާލުކޮށްފައިވަނީ މުބާރާތުގެ ފައިނަލް މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތް ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހި ގްރޫޕް ސްޓޭޖުންނެވެ.
ރާއްޖޭގެ ކެމްޕޭން ފެށީ ޕާކިސްތާނާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައިވެސް ޕާކިސްތާން އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރީ ވާދަވެރި އިންޑިއާއާއެވެ. މި މެޗުގައި އިންޑިއާއިން ނެރުނީ އެ ޤައުމުގެ 23 އަހަރުން ދަށުގެ ސްކޮޑެކެވެ. މި މެޗުން ރާއްޖެ ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
ކުޅުނު ދެ މެޗުން ބަލިވުމާއެކު ރާއްޖެއަށް މުބާރާތުގެ އަނެއް ބުރަށް ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. މިއީ މުޅި މުބާރާތުގައި އެއްވެސް ލަނޑެއް ނުޖެހި ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭން ރާއްޖެއިން ނިންމާލި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް 2-1 އިން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.



