ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފިއެވެ.
‘ހިތްފަސޭހަ ހުޅުމާލެ’ ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައި ކަމަށް އެ ކޯޕަރޭަޝަނުން ހާމަކުރެއެވެ.
އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެއެވެ.
ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބޭ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ. އެހެންކަމުން ‘ހިތްފަސޭހަ ހުޅުމާލެ’ ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ.



