ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް އިއްތިފާގުން ފާސްކޮށްފިއެވެ. މި ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ނިންމުން ނިންމާފައިވަނީ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓުގެ ކަންކަން މަޖިލީހުގައި ކުރިއަށް ގެންދާނެ އުސޫލުތައް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރާ ސުވާލުކުރުމަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ އަދަދު 64.2 ބިލިޔަން ރުފިޔާއަށް އަރައެވެ. މި ބޮޑު ބަޖެޓު ދިރާސާކޮށް، ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ޚާއްސަ ކޮމިޓީއަކުންނެވެ. ބަޖެޓަށް ބަހުސްކޮށް، ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގައި ކުރިއަށްދާނެއެވެ.



