ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ބިން ހިއްކާ ސަރަހައްދުގައި މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުފަހަރު ވަގުތީ ގޮތުން އެޅުމަށް ހާއްސަ ސަރަހައްދުތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ. އެޗްޑީސީން މިގޮތަށް ކަނޑައެޅީ، ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންދެން އެ ސަރަހައްދުތައް ބޭނުންކުރުމަށެވެ.
އެގޮތުން އެޗްޑީސީން ވަނީ 30 އޮކްޓޯބަރ 2025 ގައި ކުރި އިއުލާން ނަމްބަރު HDC(161)-cert/u/2025/183 އެއްގޮތްވާގޮތުގެ މަތިން، ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 06 ނޮވެމްބަރ 2025 ގެ ކުރިން އެ ސަރަހައްދުން ނެގުމަށްފަހު، ކަނޑައަޅާފައިވާ ވަގުތީ ސަރަހައްދުތައް ބޭނުންކުރުމަށް އެދިފައެވެ. އަދި މި ފިޔަވަޅު އަޅާފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން އުޅަނދުފަހަރު ވަގުތީ ގޮތުން އެޅުމަށް ދެ ސަރަހައްދެއް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. އެއީ:
- ސަފާރީ އެޅުމަށް: ކ. ގުޅިފަޅާއި ކ. ކުޑަގިރި އަދި ކ. ތިލަފުށިގެ ފަޅުތެރެއިން ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދު.
- ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް: ކ. ގުޅިފަޅާއި ކ. ތިލަފުށި ފަޅުތެރެއިން ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދު.
މި އިޢުލާނާއެކު، ބިން ހިއްކުމަށް ހުސްކުރެވޭ ސަރަހައްދާއި ސަފާރީތައް އެޅުމަށް ކަނޑައެޅުނު ސަރަހައްދު ދައްކުވައިދޭ ޗާޓުއްވެސް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށްފައެވެ.
އަދި މި ބަދަލުތަކާ ގުޅިގެން، ހުޅުމާލެ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކުން ވަގުތީ ގޮތުން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް އުޅަނދުތައް ބަދަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފައިވެއެވެ.



