މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީކޮށް ތަޢާރަފްކުރި އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުން ފެށިގެ ހުޅުވާލާނެކަމަށް ބުނެފިއެވެ. އިމިގްރޭޝަނުން މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ ނޮވެންބަރު 10 ވަނަ ދުވަހުގައެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އީ-ވިސާއަށް ހުޅުވާލުމަށް މި މުއްދަތު ކަނޑައެޅީ އީ-ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް މި އައު މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭނެ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރެވިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެހެންކަމުން، ނޮވެންބަރު 20 ގެ ނިޔަލަށް، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި ނޮވެންބަރު 23 ގެ ފަހުން، ވިސާ ޖެހުމަށްފަހު އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ. ވީމާ، ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިމިގްރޭޝަންގެ މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގާ ‘މޯލްޑިވްސް 2.0’ މަޝްރޫޢުގެ ދަށުން ގެނެވުނު ބަދަލެކެވެ. މޯލްޑިވްސް 2.0 ގެ މަޤްޞަދަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ވަނީ ރާވާފައެވެ.
މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން، ސައްތައިން ސައްތަ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.



