އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ ވެސް އަންހެނުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުން ބާރުވެރިކުރުމުގައި އެ މީހުންނަށް ދީފައިވާ މަތިވެރި މަގާމު ހަނދާން ކުރަންޖެހޭ ކަމަށެވެ. އަންހެނަކަށް ވިއަސް ވިޔަފާރީގައި އަދި މުދާ ބެހުމުގައި ވިއަސް ތަފާތެއް ނެތް ކަމަށާއި އެންމެ ހެޔޮ ގެއަކީ، އެ ގެއެއްގައި އަންހެނުންނަށް އިހުތިތާމް ކުރާ ގެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އަދ ިކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ ގައުމަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރާ މީހުން ބިނާކުރުމުގައި މައިންވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާ ފާހަގަކުރައްވާފަ އެވެ. މީގެއިތުރުން އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކުރީގައި އަންހެނުން ކޮށް އުޅުނު ކަންތައް ބަދަލުވެފައި ވާ ކަމަށާއި މިހާރު އެހެން ހުނަރުތައް ތަރައްގީކޮށް، އެ ބަދަލުތަކަށް ހޭނެންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. ޓެކްނޮލޮޖީ އަށް ހޭލުންތެރިވެ އަދި ވިޔަފާރީގެ އާ ގޮތްތައް އީޖާދު ކުރަންޖެހޭ ކަމަށާއި ވިޔަފާރީގެ ގޮތުން ހުރި ގިނަ ފުރުސަތުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.
އަދި ރޭގެ ޖަލްސާ އިންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލްކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލްކުރުމުގައި ވާ ގުރުބާނީ ކަމަށް ވިދާޅުވެ އެކަމަނާ ވަނީ އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ތަފާތު އެކި ރޮނގުން 15 އަންހެނަކަށް ރޭ ވަނީ ރެހެންދި އެވޯޑު ދީފަ އެވެ.



