ތައިލެންޑުގެ ވިސާ އިޢާފުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން، އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭނީ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު މިކަން އިޢުލާންކޮށްފައިވަނީ، ތައިލެންޑުގެ ވިސާ ސިޔާސަތަށް ގެނައި އިޞްލާޙުތައް އެ ޤައުމުގެ ސަރުކާރުގެ ގެޒެޓުގައި އޮގަސްޓު 31 ގައި ޝާއިޢުކުރުމާ ގުޅިގެންނެވެ. އައު އުޞޫލުގެ ދަށުން ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވުމުގެ ފުރުޞަތު އޮތް ނަމަވެސް، އެ ޤައުމުގައި ހުރެވޭނެ މުއްދަތަކީ 30 ދުވަހެވެ.
ތައިލެންޑުން މީގެ ކުރިން ވަނީ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މި 60 ދުވަހުގެ ލުއި ދީފައިވަނީ ޖުލައި 2024 ގައި ރާއްޖެ ހިމެނޭހެން 93 ޤައުމަކާއި ސަރަޙައްދަކަށެވެ. ނަމަވެސް، ތައިލެންޑުގެ ކެބިނެޓުން ފަހުން ވަނީ މި އުޞޫލު މުރާޖަޢާކޮށް، އެ ޤައުމުތަކަށް ދީފައިވާ މުއްދަތު ކުޑަކުރުމަށް ނިންމާފައެވެ. މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، ކުރިން އެކުލަވައިލި އިޞްލާޙުގައި ރާއްޖެ ހިމަނާފައި އޮތީ އެންމެ 15 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ލިބޭ ޤައުމުތަކުގެ ތެރޭގައެވެ. ނަމަވެސް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންގްކެޓްކެއޯ އާ ދެމެދު ޖޫން 29 ގައި ބޭއްވުނު މަޝްވަރާތަކަށްފަހު، ތައިލެންޑުން ވަނީ އެ ނިންމުން އަލުން މުރާޖަޢާކޮށްފައެވެ.
އެ މަޝްވަރާތަކަށްފަހު ޖުލައި 14 ގައި އިޢުލާންކުރި ނިންމުމާއެކު، ދިވެހިންނަށް ދޭ މުއްދަތު ވަނީ 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައެވެ. ތައިލެންޑުގެ ވިސާ އިޢާފުކުރުމުގެ އިޞްލާޙުކުރެވުނު ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ޤައުމުތަކުގެ ތެރޭގައެވެ.
ފޮރިން މިނިސްޓްރީން ވަނީ، ސެޕްޓެމްބަރު 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުން މި އައު އުޞޫލަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.



