އާރުޓީއެލް (ރާއްޖެ ޓްރާންސްޕޯޓް ލިންކް) ގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މި މަސައްކަތަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ގައުމަކަށް ވުމާއެކު، ރަށްތަކުގެ މެދުގައި ގުޅުން ގާއިމުވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުން ވެސް ވަރަށް މުހިންމު ކަމެކެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހަތަރު އަތޮޅެއްގައި އާރުޓީއެލް ފެރީގެ ނިޒާމު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އެއަދަދު ވަނީ އިތުރުވެފައެވެ.
އާރުޓީއެލްގެ މަސައްކަތް ކުރިއަށްދާ ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ވައުދުވެފައިވާ ގޮތަށް މަސައްކަތް ކުރިއަށްދިޔަ ނަމަވެސް މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ ނުލެވޭނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޔަގީންކަން ދެއްވީ އަންނަ މާޗް މަހުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ގާއިމުނުވާ ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ގާއިމުކޮށް ނިންމާނެ ކަމަށެވެ.
އަދި އިގްތިސޯދު ކުރިއެރުވުމަށްޓަކައި ޒަމާނީ ވަސީލަތްތައް ހިމެނޭ ޓްރާންސްޕޯޓަކީ ވަރަށް މުހިންމު އެއްޗެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



