ރާއްޖޭގެ ހުރިހާ ޓާޝިއަރީ ހޮސްޕިޓަލްތަކުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެމްއާރުއައި ހިދުމަތް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރަށް 104 ހަފްތާވުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ހުރި ޓާޝިއަރީ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރުއައިގެ ހިދުމަތް ނުލިބޭ ތަންތަނުގައި އެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު، އެންމެ މުހިންމު މަސައްކަތަކީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރަހައްދީ ތަރައްގީގެ ތެރެއިން ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށްޓަކައި، ޓާޝިއަރީ ހޮސްޕިޓަލްތައް ބިނާ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވެސް ފަސް ރަށެއްގައި އެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތަކާއި، އެތައް ސަރަހައްދެއްގައި އާ ހޮސްޕިޓަލްތައް ބިނާކުރުމާއި، ސިއްހީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން އެތައް ސިއްހީ މަރުކަޒެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށިފައިވާއިރު، މިހާރު ވެސް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ނިމޭއިރު ސަރުކާރުގެ އަމާޒަކީ އެންމެ ކުޑަ ރަށުގައި ވެސް އެ ރަށެއްގެ އާބާދީއާ އެއް ފެންވަރުގެ ލެބޯޓްރީގެ ހިދުމަތް ގާއިމްވެފައި ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ.



