ސަރުކާރުން ތައާރަފު ކުރަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފަައިވާ މަސައްކަތުގެ ތެރެއިން 285 ޑްރައިވަރުންނާއި، ޕާޓް ޓައިމް 122 ޑްރައިވަރުން ހޯދަން އެ ކުންފުނިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.
މާލެ ސިޓީގައި ޓެކްސީލައިންގެ ހިދުމަތް ފެބްރުއަރީ މަހު އެންމެ ލަސްވެގެން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ފުލް ޓައިމް ޑްރައިވަރުން ހޯދަން އެމްޓީސީސީ އިން އިއުލާންކޮށްފައިވަނީ ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ. އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ މި ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި މިވަގުތު ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަަމަށެވެ. އަދި ފުލް ޓައިމް ޑްރައިވަރުންގެ މުސާރައާއި އިނާޔަތްތައް ދޭނީ ކުންފުނިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޕާޓް ޓައިމް ޑްރައިވަރުންގެ ސާވިސް ފީގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ވަނީ މި ވަޒީފާއާ ގުޅެން ބޭނުންވާ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރަައިވަރުންނަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެޕްލައި ކުރެވޭނެ ކަމަށް ބުނެފައެވެ.



