ދައުލަތުގެ މަސައްކަތްތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް ކުރެވޭނެ އުސޫލެއް ކަމަށްވާ، “ފްލެކްސިބްލް ވޯކިން ޓައިމް”ގެ ދަށުން މިހާރު ތަންފީޒު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން (އެންޕީސީ) ހާމަކޮށްފިއެވެ. މި އުސޫލު ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މަސައްކަތުގެ އެފިޝަންސީ އިތުރުކޮށް، ނަތީޖާ ނެރުމަށް މަގުފަހިކުރުމެވެ.
މި އުސޫލު ތަންފީޒު ކުރުމުގެ ހުއްދަ ދީފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ. ޕޭ ކޮމިޝަނުން ބުނި ގޮތުގައި، ބައެއް އޮފީސްތަކުގެ މަސައްކަތުގެ އުސޫލު ހުރި ގޮތުން، ވަކިވަކި މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނުވާތީ މި އުސޫލު ތައާރަފް ކުރެވުނެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ ނަތީޖާ ނެރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
މި އުސޫލުގެ ދަށުން ފަސޭހަތައް ލިބޭ މުވައްޒަފުންގެ ތެރޭގައި މެއިންޓަނެންސް މަސައްކަތް ކުރާ މުވައްޒަފުންނާއި، އެކި ކަހަލަ އިންސްޕެކްޝަންތަކާއި ސާވޭތައް ކުރާ މުވައްޒަފުން އަދި އައިޓީ ދާއިރާގައި ސޮފްޓްވެއާ ޑިވެލޮޕަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނެއެވެ. ޕޭ ކޮމިޝަނުގެ އޮފިޝަލަކު ފާހަގަ ކުރެއްވި ގޮތުގައި، މެއިންޓަނެންސް މަސައްކަތް ކުރާ މުވައްޒަފުންނަށް ގިނަ ފަހަރު މަސައްކަތްތައް ކުރެވޭނީ އޮފީހުން މުވައްޒަފުން ނުކުތުމަށް ފަހުއެވެ. ކުރިން މިފަދަ މުވައްޒަފުން ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން އޮފީހުގައި ތިބެފައި، އޭގެ ފަހުން އޯވަޓައިމް ނަގަންޖެހޭ ހާލަތްތައް ދިމާވާއިރު، މިއީ އެންމެ އެފިޝަންޓް ގޮތް ނޫންކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.
މި އާ އުސޫލު ތަންފީޒު ކުރެވެމުންދަނީ ދައުލަތުގެ ޕޭ ފްރޭމްވޯކް އިސްލާހުކުރެވުމުގެ ތެރެއިންނެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، މި މަހުން ފެށިގެން ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން ލިބޭނެއެވެ. އެގޮތުން، އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ 7،400ރ. އަށް ވުރެ ދަށްނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި އާ ފްރޭމްވޯކާއެކު ފުރަތަމަ މުސާރައިގެ ކުރިއެރުން ދެވުނީ ތައުލީމީ، ސިއްހީ އަދި ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންނަށެވެ.



