ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށާއި، އެ ޔުނިޓްތައް ޚާއްސަ ކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ވަނީ އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢަކީ ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސް ކޮށްގެން ހިންގާ 3000 ހައުސިން ޔުނިޓްގެ ބޮޑު މަޝްރޫޢުގެ ބައެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މުޅި މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 3000 ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް ވިލިމާލޭގައި އިމާރާތް ކުރައްވާނެ ކަމަށެވެ. އަދި މި 300 ޔުނިޓް ދިނުމުގައި އިސްކަންދެއްވާނީ ހަމައެކަނި ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހައުސިން މިނިސްޓަރު މުއްތަލިބު ވަނީ ވިލިމާލޭގައި ވީހާވެސް ގިނަ ހައުސިން ޔުނިޓް އެޅުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ޤާއިމުކުރައްވާ 3,000 ހައުސިން ޔުނިޓްގެ ތެރެއިން ވިލިމާލޭގައި މިވަގުތު އިމާރާތް ކުރެވެން އޮތް އެންމެ ގިނަ އަދަދަކީ 300 ޔުނިޓް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ މި އަހަރުގެ ތެރޭގައި ވިލިމާލޭގެ މި ހައުސިން މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.



