މާލެ ސަރަހައްދުގައި މި ދުވަސްވަރު އިންފްލުއެންޒާ (ފްލޫ) އަދި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާތީ، އާންމުން ސަމާލުވުމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
ޑރ. ފައިސަލް ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފްލުއެންޒާގެ ކޭސްތައް ގިނަ ކަމަށާއި، މާލެ އަތޮޅުގެ ރަށްރަށުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސްތައް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މި ބަލިތަކުގެ ސަބަބުން ބައެއް ކުދިންގެ ގައިގައި ރިއްސާވަރުން ނުހިނގޭ ހާލަތަށް ވެސް ދާ ކަމަށެވެ. އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް އެޅުމާއި، ބޭނުންކުރި ޓިޝޫ ހާމައަށް އެއްލާނުލުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ސައިބޯނިލައިގެން އަތްދޮވުންފަދަ ޢާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ރޯގާ ޖެހިފައިވާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުމަށް ވެސް އޭނާ އިރުޝާދު ދެއްވިއެވެ. ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށާއި، ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ ބާރުއަޅުއްވާފައެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުމަށް ވެސް އެދިލައްވައެވެ.
ޑެންގީ ހުމަކީ އީޑީޒް މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.



