ސުޕްރީމް ކޯޓު މިއަދުން ފެށިގެން ރިސެސްއަށް ދިޔުމަށް ނިންމާފައިވާކަން އެ ކޯޓުން އިއުލާނުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން ހާމަކުރެއްވި ގޮތުގައި، މި ރިސެސްގެ މުއްދަތަކީ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އަންނަ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށެވެ. މި މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ބޭއްވުން ވަނީ މަޑުޖައްސާލާފައެވެ.
ރިސެސްގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް އެ ކޯޓުން ބުނެއެވެ. ނަމަވެސް، ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ އިތުރުން، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ޙާލަތްތައް ފިޔަވައި އެހެން އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.
ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވުނު ނަމަވެސް، ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ އެންމެހާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކޯޓުން އިތުރަށް ބުނެއެވެ.



