ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބާއްވާ ޕްރައިމަރީއަށް މިއަދު ހުޅުވާލަން ނިންމައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ޑިސެމްބަރު 27 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚަކީ 2026 ވަނަ އަހަރުގެ މާރިޗު 28 އެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސްއަށް އެދި ހުށަހެޅުމަށް ހުޅުވާލާނީ ޖަނަވަރީ 17 ވަނަ ދުވަހުއެވެ.
އަދި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލުމަށް އެ ޕާޓީއިން ވަނީ ނިންމާފައެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް ޕީއެންސީން ކަނޑައެޅުއްވި ކެމްޕޭން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި، ޕާޓީއާ އަލަށް ގުޅޭ ފަރާތްތަކަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. ނަމަވެސް، އެފަދަ މެންބަރުން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ޕާޓީއާ ގުޅުމުގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ޕާޓީން ވަނީ އެދިފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާޙު ވަނީ މި ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށް ވިދާޅުވެފައެވެ.
އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ޕްރައިމަރީގައި 1400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެޕްލިކޭޝަންތައް ޕޯޓަލް މެދުވެރިކޮށް ޕްރޮސެސްކުރުމުން އިދާރީ ކަންކަން ފަސޭހަވާނެ ކަމަށް ވެސް ވަޒީރު އަމީން ވިދާޅުވިއެވެ.



