ސްރީލަންކާއަށް އެރި “ދިތުވާ” ތޫފާނާ ގުޅިގެން ކޮލަމްބޯގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ދިވެހި ތިން އާއިލާއަކަށް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ސަލާމަތްކޮށްފިއެވެ. މި ތިން އާއިލާ ވެސް ހާލުގައި ޖެހިފައި ތިބީ ކޮލަމްބޯގެ މަލާބޭ ސަރަހައްދުގައި، ފެންބޮޑުވެފައިވާ ގެތަކުގައެވެ. މި އާއިލާތަކުގައި ކުޑަކުދިން ވެސް ހިމެނޭހެން ޖުމްލަ 12 މީހުން ތިއްބެވެ.
ދިވެހި އެމްބަސީގެ އޮފިޝަލުން ވިދާޅުވީ، މި ތިން އާއިލާ ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ލަންކާ ފުލުހުންނާ މަޝްވަރާކޮށްގެން ރެސްކިއު ބޯޓުތައް ބޭނުންކޮށްގެން ކަމަށެވެ. އެ ސަރަހައްދަށް އެމްބަސީގެ އޮފިޝަލުން ދިޔައިރު، ގޭތެރެއަށް ވަދެފައިވާ ފެންގަނޑު ހަތް ފޫޓާ ހަމައަށް ބޮޑުވެފައިވާތީ، އާއިލާގެ މެމްބަރުން ތިބީ ގެތަކުގެ އެންމެ މަތީ ފްލޯގައެވެ. އެމީހުން ސަލާމަތްކުރެވުނީ އެއް ސަރަހައްދަކުންނެވެ.
ސްރީލަންކާއަށް އެރި “ދިތުވާ” ތޫފާނުގެ ސަބަބުން އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ތޫފާނުގެ އަސަރު 309,607 އާއިލާއެއްގެ 1,118,929 މީހުންނަށް ކޮށްފައިވާއިރު، މަރުވި މީހުންގެ އަދަދު 334 އަށް އަރާފައިވެއެވެ. އަދި 370 މީހުން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދެއެވެ. މި ކާރިސާގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީ ސަރަހައްދުންނެވެ. އެގޮތުން ކޭންޑީން 88 މީހުން މަރުވެފައިވާއިރު، ބަޑުއްލާ އިން 71 މީހުންނާއި ނުވަރަލިއާ އިން 68 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން މަޓަލޭ ސަރަހައްދުން 23 މީހުން މަރުވެފައިވެއެވެ.
މި ތޫފާނަކީ ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާގެ ގޮތުގައި ސިފަ ކުރެވެއެވެ. ތޫފާނުގެ އަސަރު މިހާރު ނެތް ނަމަވެސް، ބޯކޮށް ވެހުނު ވާރޭގެ ސަބަބުން އުސް ހިސާބުތަކުން ފައިބަމުންދާ ފެނުގެ ސަބަބުން ކެލާނީ ރިވަ ފުރި ބަންޑުންވެ، ކޮލަމްބޯގެ އުތުރުގެ ބައެއް ހިސާބުތަކުގައި މިއަދު ވެސް ވަނީ ފެން ބޮޑުވެފައެވެ. މި ކާރިސާގެ ސަބަބުން 25,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147,000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފައެވެ.



