ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 100،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީގެ ފައިސާ ހަދިޔާކުރީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުންނެވެ. މި ޓެލެތޯނަކީ ސްރީލަންކާގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނާއި އާންމު ފަރުދުންގެ ފަރާތުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޓެލެތޯން މިއަދު މެންދުރު 2 ޖެހުމާއި ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު ޖުމްލަ 11.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ރާއްޖޭގެ ކުންފުނިތަކުގައި ގިނަ އަދަދެއްގެ ސްރީލަންކާގެ މުވައްޒަފުން މަސައްކަތްކުރާތީ، އެ ކުންފުނިތަކުން ވަނީ މި ޓެލެތޯނުގައި ބައިވެރިވެ، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ސްރީލަންކާގެ ރައްޔިތުންނަށް މި ހިތާމަވެރި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮޑެތި އެހީތައް ހަދިޔާކޮށްފައެވެ.
މި ޓެލެތޯނު ކުރިއަށް ގެންގޮސްފައިވަނީ ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.



