ތޫފާން ދިތްވާގެ ސަބަބުން ސްރީ ލަންކާގެ އެކި ހިސާބުތަކަށް ކުރިމަތިވި ބޮޑެތި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެންމެ ފަހުގެ ރަސްމީ ރިޕޯޓުތަކަށް ބަލާއިރު، މިހާތަނަށް 355 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 366 މީހުން ގެއްލިގެން ހޯދަމުން ދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ކާރިސާގެ ސަބަބުން ގައުމުގެ 25 ޑިސްޓްރިކްޓްގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ޑިސްޓްރިކްޓެއްގައި 1.1 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހި، އެމީހުންގެ ގެދޮރު ދޫކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ފަރުބަދަމަތީގެ އަވަށްތަކާއި އާއި މެދުތެރޭގެ ޒޯންތައް ހިމެނެއެވެ. މި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވަރަށް ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ އާއިލާތައް މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ. މި ހާލަތުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ދަނީ ކުރަމުންނެވެ.
ތޫފާން ދިތްވާ އާ ގުޅިގެން ވެހުނު ބޯކޮށް ވާރޭގެ ސަބަބުން ކޯރުތައް ކަނޑައިގެންގޮސް ލަންކާގައި ފެންބޮޑުވުންތައް ވަނީ އިންތިހާއަށް ގޯސްވެފައެވެ. މީގެ އިތުރުން މެދުތެރޭގެ އުސް ހިޮސާބުތަކަށް ވެހުނު ބޯ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާ، ގިނަ އަދަދެއްގެ އަވަށތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ. ހާދިސާ ހިނގި ސަރަހައްދުތަކުން ސަލާމަތީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މި ކާރިސާގެ ބޮޑު ކަމުން އެ ޤައުމުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. އަދި ލަންކާގެ ސިފައިންނާއި، ނޭވީއާއި، ފުލުހުންނާއި، އެއަރފޯސްގެ ޔުނިޓްތައް ވަނީ ގައުމުގެ އެކި ހިސާބުތަކުގައި ސަލާމަތީ އޮޕަރޭޝަންތައް ހިންގުމަށާއި، މީހުން ބަދަލުކުރުމަށާއި، ހާލުގައި ޖެހުނު މީހުންނަށް ކާނާ، މެޑިކަލް އެހީތެރިކަން އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުމަށް ނެރެފައެވެ. އަދި މިހާތަނަށް 200,000 އަށް ވުރެ ގިނަ މީހުން ވަނީ ސްކޫލްތަކާއި އާންމު އިމާރާތްތަކުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން، މި ބޮޑު ކާރިސާ އާއި ކުރިމަތިލުމަށާއި، ހާލުގައި ޖެހިފައިވާ އާބާދީއަށް އެހީވުމަށާއި، ދިގު މުއްދަތުގެ ރިކަވަރީގެ ބޭނުންތަކަށް ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމަށް ވަނީ އެދިފައެވެ.



