ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަމްރީނުތައް ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ “އެޗްޑީސީއާ އެކު” ޕްރޮގްރާމްގެ ދަށުން 30 ފަރާތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފިއެވެ.
އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކަށް އަލަށް ހޮވުނު 30 ކެންޑިޑޭޓުންނަށް މި ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެޗްޑީސީން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ، އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިސްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެ މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ޤައުމެއް ބިނާކުރުމާ ދިމާއަށް ކަމަށެވެ.
މި އިނިޝިއޭޓިވްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށޭނަ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށާއި، ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފުދުންތެރިކަން އިތުރުވުމަށް އެހީތެރިވެދޭނެކަމަށް އެޗްޑީސީން ބުނެއެވެ.



