ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިއަދު މަޖިލީހުން ފާސްކޮށްފi އެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ މަގުސަދަކީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަންކަން ހިންގާނެ އުސޫލުތައް ކަނޑައެޅުމެވެ.
މި ބިލުގައިވާ ގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި، ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ނަމަ، އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ޒަކާތް ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން، ޒަކާތުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ، އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށްޓަކައި، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހެ އެވެ. މި ކައުންސިލުގައި ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ޒަކާތުގެ މާހިރުން ހިމެނޭނެ އެވެ.
ޒަކާތުގެ ކަންކަމުގައި ޝަރީޢާގެ އަލީގައި ލަފާދިނުމަށްޓަކައި، މި ބިލުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ބަޔާންކޮށްފަ އެވެ. މި ކޮމިޓީގެ މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ޒަކާތު ހައުސްއަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި، ފަންޑުން ކުރެވޭނެ ކަންކަން ވެސް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ. މިއީ ޒަކާތުގެ ފައިސާ ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުމުގައި އިތުރު ޔަގީންކަމާއި ހާމަކަމެއް ގެނެސްދޭނެ ކަމެކެވެ.
ޒަކާތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މައުލޫމާތު އޮޅުވާލުމުގެ ކުށްތަކަށް މި ބިލުގައި ވަނީ ހަރުކަށި އަދަބުތައް ކަނޑައަޅާފަ އެވެ. ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި، ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ، 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. މީގެ އިތުރުން، އެއްވެސް ފަރާތަކުން ސައްހަ ނޫން ނުވަތަ ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދައިފި ނަމަ، އެ ކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، ޒަކާތު ހައުސްއިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން ނަން އުނިކުރާނެ އެވެ.



