އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނާއި މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށްގެން ފުލުހުން ފަށާފައިވާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
އެގޮތުން، އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރި ކަމަށާއި، އެއީ ސ. ހިތަދޫ، ގުލްކަނދުގޭ، ހަސަން ނަޒީފް، 36، ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގުގެ ބޭނުމަށް އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ. މި އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އައްޑޫގައި އެންމެ އާބާދީ ބޮޑު އަދި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ ހިތަދުއަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ: އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ؛ ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ؛ އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ؛ ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ؛ އަދި އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ އެވެ. މި މީހުންގެ ތެރެއިން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު، އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ.
ފުލުހުން ބުނި ގޮތުގައި މި ފަސް މީހުން ހިމެނޭ “ނެޓްވޯކް” އަކީ ހިތަދޫގެ “މައިލޯ” ގުރޫޕަށް ނިސްބަތްވާ ބައެކެވެ. އަދި މި ގްރޫޕުގެ އެންމެ އިސް މީހަކީ ނަދީމް ކަމަށް ވެ އެވެ. ފުލުހުން ވަނީ މި ނެޓްވޯކްގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މި އަހަރުގެ މާޗު މަހުން ފެށިގެން ކުރަމުންދާ ކަމަށާއި، އަދި 2017 ވަނަ އަހަރުން ފެށިގެން މި ނެޓްވޯކްގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ބުނެފަ އެވެ. ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިފަދަ ކުށްތަކަށް އަދަބު ހަރުކަށިކުރުމުގެ ގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ ވިޔަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި މަރުގެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.



