ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ ދަތުރުފުޅާ ގުޅިގެން މިއަދު ދުވާފަރުގައި އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ބައެއް ހިދުމަތްތައް ވަނީ ފައްޓަވައިދެއްވާފައެވެ. އޭގެ ތެރޭގައި ދުވާފަރުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރުން ހިމެނެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.
މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދުވާފަރުގައި ބަސް ދަތުރުގެ ހިދުމަތްވެސް ވަނީ ފަށާފައެވެހަތަރުހާހަށް ވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކުރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
އަދި ދުވާފަރުގެ ރައްޔިތުންނަށް ދިގު އިންތިޒާރަކަށް ފަހު، އެރަށުގެ މަގުތައް ހެދުމުގެ ތިން ވަނަ މަޝްރޫއު ރަސްމީކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.



