ނޮވޮރޮސިސްކްގެ ބަނދަރުގައި އޮތް ރަޝިޔާގެ ސަބްމެރީނަކަށް ކަނޑުއަޑީގެ ޑްރޯނެއް ބޭނުންކޮށްގެން ކާމިޔާބު ޙަމަލާއެއް ދީފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔޫކްރޭނުގެ ސެކިއުރިޓީ ސަރވިސްއިން ބުނެފިއެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ޔޫކްރޭނުގެ ސެކިއުރިޓީ ސަރވިސް (އެސް.ބީ.ޔޫ) އިން ބުނީ، ‘ސީ ބޭބީ’ ޑްރޯންތައް ބޭނުންކޮށްގެން ދިން މިފަދަ ފުރަތަމަ ޙަމަލާގައި ‘ކިލޯ-ކްލާސް’ ގެ ސަބްމެރީން ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައި ކަމަށެވެ. އެސް.ބީ.ޔޫ އިން ޓެލެގްރާމްގައި ވަނީ ޔޫކްރޭނުގެ ސެކިއުރިޓީ ސަރވިސްއިން އިތުރު ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، ނޮވޮރޮސިސްކްގެ ބަނދަރުގައި ކަނޑުގެ ޙަމަލާއެއް ދީފައިވާކަމަށް ބުނެފައެވެ.
އެސް.ބީ.ޔޫ އިން ބުނި ގޮތުގައި، މި ސަބްމެރީންގައި ޔޫކްރޭނުގެ ސަރަޙައްދަށް ޙަމަލާދިނުމަށް ބޭނުންކުރާ ‘ކަލިބްރ’ ކްރޫޒް މިސައިލް ލޯންޗަރު ހިމެނޭއިރު، އެ އުޅަނދަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އަދި ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ. ޔޫކްރޭނުގެ މި އަމަލާއި ގުޅިގެން ރަޝިޔާގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔޫކްރޭނުގެ ނޭވީގެ ތަރުޖަމާނު ޑްމިޓްރޯ ޕްލެޓެންޗުކް ވިދާޅުވީ، ޙަމަލާދޭން އެންމެ އުނދަގޫ އަމާޒެއް ކަމަށްވާ ސަބްމެރީނަކަށް ޙަމަލާދިނުމުގެ މި އޮޕަރޭޝަނަކީ ރަޝިޔާއާ ދެކޮޅަށް ހިންގާ ކަނޑުގެ ހަނގުރާމައިގެ އަނެއްކާވެސް މުހިންމު ބަދަލެއް ގެނުވި ކަމެއް ކަމަށެވެ.
“މި ދުވަސް އަނެއްކާވެސް މި ހަނގުރާމައިގައި ކަނޑުގެ ހަނގުރާމައިގެ ފުރުޞަތުތަކާ މެދު އޮންނަ ނަޒަރިއްޔާތު ބަދަލުކޮށްލައިފި” އޭނާ ރޮއިޓަރސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ޕްލެޓެންޗުކް އިތުރަށް ވިދާޅުވީ، އެ ސަބްމެރީން މަރާމާތުކުރުމަކީ ރަޝިޔާއަށް އުނދަގޫ ކަމެއް ކަމަށާއި، ސަބަބަކީ އެކަން ކުރަން ޖެހޭނީ ކަނޑުމަތީގައި ކަމަށްވާތީ، އެ އުޅަނދު އަނެއްކާވެސް ޙަމަލާތަކަށް ހުށަހެޅިގެންދާނެ ކަމަށެވެ. ޕްލެޓެންޗުކް ވިދާޅުވީ، ނޮވޮރޮސިސްކްގައި ރަޝިޔާއިން ބޭއްވި ހަތަރު ސަބްމެރީންގެ ތެރެއިން މިހާރު އެއް ސަބްމެރީން ގެއްލިފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން ސަބްމެރިން އަކީ ‘ކަލިބްރ’ މިސައިލް އުފުލާ ސަބްމެރީން ކަމަށެވެ.
ޔޫކްރޭނުން މި ޙަމަލާގެ ވާހަކަ ހާމަކޮށްފައި މިވަނީ، އެމެރިކާ، ޔޫރަޕް އަދި ޔޫކްރޭނުގެ އޮފިޝަލުން ބާލިންގައި ބައްދަލުކޮށް، ރަޝިޔާއާ ދެކޮޅަށް ހިންގާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނަކާ މެދު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.



