ސަރުކާރުން ކުރިއަށް ގެންދާ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފި އެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން 5، 2024 ގަ އެވެ. މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު މި މައުލޫމާތު ހާމަކުރި ނަމަވެސް، އިންދާފައިވާ ގަސްތަކުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދާފައިވާއިރު، މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން ވަނީ ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމްތައް ފަށާފަ އެވެ. މިގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯ ފަދަ މުއައްސަސާތައް މި މަސައްކަތުގައި އިސްކޮށް ބައިވެރިވަމުންދާ ކަމަށް ފާހަގަކުރެވެ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް އުފެއްދުމަށްޓަކައި، ސަރުކާރުން ވަނީ ޚާއްސަ ނާސަރީތައް ގާއިމުކުރުމަށް ނިންމާފަ އެވެ. އެގޮތުން، ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ނާސަރީއެއް ހަދާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގުދުރަތީ ޖަވާހިރު އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މިހާތަނަށް އެއް މިލިއަން ގަސް އިންދިފައިވާއިރު، މި މަސައްކަތް ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.



