ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާ ފްލެޓްތައް ކައިރީގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ އާ މިސްކިތް، “މަސްޖިދުލް އީމާން” އަންނަ ހުކުރު ދުވަހު ހުޅުވުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި މިސްކިތް ރަސްމީކޮށް ހުޅުވާނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.
އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތް ހުންނަނީ ހިޔާގެ ރަތް ފްލެޓްއް ކައިރީގައެވެ. މި މިސްކިތަކީ އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މިސްކިތުގެ އިތުރުން ހުޅުމާލޭ ފޭސް2 ގައި އިތުރު 4 މިސްކިތެއް މިޙާރުވެސް ބޭނުންކުރަމުންދެއެވެ. އެތަނުން ދެ މިސްކިތަކީ ވަގުތީ މިސްކިތަށް ވާއިރު، އެއް މިސްކިތާއި އިންވެގެން އެސްޖޭ ކުންފުނިން ދަނީ އިތުރު މިސްކިތެއް ބިނާކުރަމުންނެވެ.
އެސްޖޭ ކުންފުނިން އިމާރާތް ކުރަމުންދާ މިސްކިތުގެ އިތުރުންވެސް ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި އިތުރު މިސްކިތްތައް ބިނާކުރުމަށް ބޭނުންވާ އިންތިޒާމުތައް ވެސް ހަމަޖައްސަމުންނެވެ.



