ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢު ކުރިއަށްދަނީ ކުނި އަޅައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ދޮގުކުރައްވައިފިއެވެ.
ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ އެ ސަރަހައްދު ހިއްކުމުގައި ބޭނުންކުރަނީ ކުނި ނޫން ކަމަށާއި، އެއީ އިމާރާތްކުރުމުގެ ދާއިރާގައި އުފެދޭ ސީއެންޑީ (ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން) ކުނި ކަމަށެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި މަގުތައް ފަދަ ތަންތަން ބިނާކުރުމާއި މަރާމާތުކުރުމުގެ ތެރެއިން އުފެދޭ ސިމެންތި، ލަކުނޑި، ދަގަނޑު އަދި ގާ ފަދަ ތަކެއްޗެވެ. އެމްޑީ ވިދާޅުވީ މި ތަކެތި ބޭނުންކުރަނީ ވަރަށް ބޮޑަށް ބަލައި، ވަކިކޮށް (ސެގްރިގޭޓްކޮށް) ރިސައިކަލް ކުރުމަށްފަހު ކަމަށެވެ. މިކަމުގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
“ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި،” މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މި މަޝްރޫޢާ ގުޅޭގޮތުން ފެތުރޭ ވާހަކަތަކަކީ ހަޤީގަތާ ހިލާފު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ފަރުކޮޅުފުށި ކައިރިން ހިއްކިއިރު އެތަނުގައި ހުރި ކުނިތައް ނަގައި ސާފުކޮށްފައިވާނެ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ އާންމުކޮށްވެސް އެކަން ކުރާ އުސޫލުން ވެލި އަޅައިގެން ކަމަށެވެ.
މީގެއިތުރުން، ކުނި އަޅައިގެން ތަންތަން ހިއްކުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށާއި، މި މަސައްކަތްތައް ކުރަނީ ބައިނަލްއަޤުވާމީ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން، ތިމާވެށީގެ އަސަރު ދެނެގަންނަ އީއައިއޭ ރިޕޯޓުތަކާ އެއްގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.



